މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ފްލައިޓުން ސަލާމަތްވީ ހަމައެކަނި ފަތުރުވެރިޔާ، ވިޝްވާޝްކުމާރް ރަމޭޝްއަށް ސަލާމަތްވެވުނީ، އެ ފްލައިޓު ގޮސް އިމާރާތެއްގައި ޖެހުނު ވަގުތު ފްލައިޓުގެ ދޮރު ހަލާކުވުމުން ބޭރަށް ފުންމާލަން ލިބުނު ހަނި ފުރުސަތުގައި ކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ ދައުލަތުގެ މީޑިއާ ޑީޑީ ނިއުސްއަށް މައުލޫމާތު ދެމުން ރަމޭޝް ބުނީ، ފްލައިޓު ގޮސް ޖެހުނު ވަގުތު، އޭނާ އިން ދިމާލާ ބިމާ ޖެހުމުގައި ހުރީ ކުޑަ ޖާގަ ކޮޅެއް ކަމަށާއި އެހެންކަމުން ފްލައިޓުގެ ދޮރެއް އެ ދިމާލުން ހަލާކުވެ، ނިކުމެވޭނެހާ ޖާގަ އޮތުމުން ވަގުތުން އޭނާ އެ ޖާގައިން ފުންމާލީ ކަމަށެވެ.
”އަހަރެން އަވަހަށް ސީޓުބެލްޓު ނައްޓައި، ފިރުކެމުންވިޔަސް އެ ޖާގައާ ދިމާލަށް ދިޔައިން. އަދި ބޭރުވެވެން އޮތް އެ ކުޑަ ޖާގައިން އަވަހަށް ބޭރަށް ފުންމާލިން“ ރަމޭޝް ކިޔައިދީފައިވެއެވެ.
ރަމޭޝް އިށީންދެގެން އިނީ އެ ފްލައިޓުގެ 11އޭ ވަނަ ސީޓުގައެވެ. އަހްމަދްއާބާދުން ލަންޑަނަށް ދަތުރުކުރި އެ ފްލައިޓު ވެއްޓިފައިވަނީ ޓޭކްއޮފް ކުރިތާ މާގިނައިރެއް ނުވެއެވެ.
އެއާ އިންޑިއާ އިން ބުނި ގޮތުގައި އެ ފްލައިޓުން އެވަގުތު ދަތުރުކުރި ހުރިހާ ކްރޫއިންނާއި ރަމޭޝް ފިޔަވާ ހުރިހާ ޕަސިންޖަރުންވެސް ވަނީ އެ ހާދިސާގައި މަރުވެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 މީހުންނާއި 52 ބްރިޓިޝް މީހުން ހިމެނެއެވެ. މިހާތަނަށް 200 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ހޯދިފައިވާއިރު އިތުރު މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގި ހިނދުކޮޅު ކިޔައިދެމުން ރަމޭޝް ބުނީ ޓޭކްއޮފް ކުރިތާ ފަސް ވަރަކަށް ސިކުންތު ފަހުން އެ ފްލައިޓުގެ ބޮކިތައް ފެއްސާއި ހުދަށް ބަދަލުވެ، ނިވިދިއްލެން ފެށި ކަމަށެވެ. އަދި ބިމުން މަތީގައި ތާށިވެފައި އޮތްހެން ވެސް ދެން ހީވިކަމަށާއި އެއާއެކު ފެނުނީ ފްލައިޓު ގޮސް އިމާރާތެއްގައި ޖެހި، ގޮވި މަންޒަރު ކަމަށް ވެސް ރަމޭޝް ބުންޏެވެ.
މީގެއިތުރުން ރަމޭޝް ބުނީ، އޭނާގެ ކުރިމަތީގައި އެ ފްލައިޓުގެ ކްރޫއިންނާއި އެހެންމީހުން މަރުވެގެން ދިޔަ ބިރުވެރި މަންޒަރު ފެނުނު ކަމަށެވެ.



