ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ޑރ. މަޖީދު އަވަހާރަވީ މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގައެވެ. އެއިރު އުމުރުފުޅުން 55 އަހަރެވެ.
ޝައިހު އިމްރާން މިއަދު ހެނދުނު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން ހިތުގައި އުފެދިފައިވާ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން ޝައިހް އިމްރާން ތުހުމަތު ކުރައްވާފައިވަނީ ބަޔަކު ޑރ. މަޖީދު ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
ޝައިހް އިމްރާން ކޮށްފައިވާ އެ ތުހުމަތާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް ކަމާބެހޭ އިދާރާއަކުން ވެސް މިކަމާ ބެހޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަން ފެށުނުއިރު، އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު އެ މައްސަލައިގެ ތަހުގީގު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފު ވެފައެއް ނުވެއެވެ. އެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވީ ވެސް ޝައިހު އިމްރާނެވެ.



