ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ކޮންމެ ހަފްތާ ބަންދެއްގައި ސްޓެލްކޯއިން ދަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގައި ގަސް އިންދަމުން ކަމަށް، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފަހުމީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ސްޓެލްކޯއިން ޕްލެޖްވެފައިވަނީ 500،000 ގަސް އިންދުމަށް ކަމަށެވެ.
ސްޓެލްކޯއިން ޕްލެޖްވެފައިވާ 500،000 ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.
”އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން.“ ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުދުން ފަހުމީ ވިދާޅުވީ، މާތް ﷲ ގެ އިރާދަފުޅާއެކު، ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސް ލައްކަ ގަސް އިންދިގެން ދާނެ ކަމަށެވެ.



