މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ އެންމެ ފަހުން އުފެއްދި ފިލްމު ކަމުގައިވާ ”ސޮރީ“ ޕްރިމިއަރ ކުރުމުގެ ކުރިން 15 ޝޯ ފުލްވެއްޖެއެވެ.
މި މަހުގެ 17 ގައި އޮލިމްޕަހު ސްކްރީނުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ ”ސޮރީ“ 15 ޝޯ މިހާރުވެސް ފުލްވުމުގެ ކާމިޔާބާ ގުޅިގެން، މި ފިލްމު ޕްރޮޑިއުސް ކުރި ކްރިސްޓަލް އެންޓަޓެއިންމަންޓުން ވަނީ ހާއްސަ ”ޕްރީ ރިލީޒް“ އިވެންޓެއް ރޭގައި އޮލިމްޕަހުގައި ބާއްވާފައެވެ.
މި އިވެންޓާ ގުޅޭގޮތުން ނަހުލާ ބުނީ ފާހަގަކުރި މި ކާމިޔާބީއަކީ ފިލްމު އެޅުވުމުގެ ކުރިން 15 ޝޯ ފުލްވުމާއި ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން ބޭްވި ހަރަކާތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި ވަރަށް ތާރީޚީކަމެއްކަން ވެސް ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން ނަހުލާ ބުނީ، އޭނާގެ އަމާޒަކީ އޭނާ ކުރިން އުފެއްދި ފިލްމު ”ޔޫސުފް“ ގެ ރިކޯޑު މުގުރާލުން ކަމަށެވެ. އަދި އެ ޓާގެޓު މިހާރު ގާތްގަނޑަކަށް ހާސިލުވެފައިވާ ކަމަށް ވެސް ނަހުލާ ބުންޏެވެ.
ނަހުލާ ބުނި ގޮތުގައި ”ޔޫސުފް“ ފިލްމު ދައްކަން ފެށީ ގާތްގަނޑަކަށް 17 ޝޯ ފުލްވެގެންނެވެ. ޔޫސުފްގެ މުޅިއަކު 50 ޝޯ ދައްކާފައިވާއިރު، ނަހުލާގެ އަމާޒަކީ އަބަދުވެސް އޭނާގެ އަމިއްލަ ރިކޯޑު މުގުރާލުން ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
ސޮރީގެ 15 ޝޯ ފުލްވުމާ ގުޅިގެން ބޭއްވި އިވެންޓުގައި އެ ފިލްމުގެ ބައެއް މަންޒަރުތައް ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ. އަދި މި ފިލްމުގެ ތީމް ލަވަވެސް ވަނީ ރިލީޒް ކޮށްފައެވެ. އެ ލަވަ ކިޔައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނަބީލް އާއި ނަހުލާގެ ދޮށީ ދަރި ނާޝް ސިނާން އެވެ. ނާޝް އެންމެފަހުން ލަވައެއް ކިޔާފައިވަނީ ފިލްމު ޔޫސުފްއަށެވެ.
މި އިވެންޓުގައި ބެލުންތެރިންނަށް ނަހުލާ ވަނީ ޓިކެޓަކާއި ނުލާ ނަހުލާގެ ފިލްމު ”4426“ ފިލްމު ބަލާލުމުގެ ފުރުސަތު ވެސް ދީފައެވެ.
”ސޮރީ“ މި ފިލްމަކީ ކުރެވޭ އެންމެ ކުށެއްގެ ސަބަބުން، ޙަޔާތައް ދިމާވާ ބޮޑެތި ބަދަލުތަކާއި ކަންތައްތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ވަރަށް އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ހަމައެކަނި ނަމަނަމައިން ކަންކަން ނުކުރެވޭނެކަމާއި ވަގުތު އޮއްވާ ނިންމުންތައް ނިންމުމުގެ މުހިންމުކަން ވެސް ދައްކުވައިދީފައިވާނެކަން ފިލްމު އުފެއްދި ފަރާތުން ބުނެފައިވެއެވެ.
މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ މިހާރު ނަހުލާގެ ގިނަ ފިލްމުތަކުގައި ލީޑް ރޯލު ކުޅެމުން އަންނަ އައްޒަ އާއި ޔޫއްޕެ އެވެ. އޭގެ އިތުރުން އީސަ (އާނަންދު) އަދި ވާޝިޔާ ވެސް ފެނިގެންދާނެއެވެ.
މި ތަރިންގެ އިތުރުން ”ސޮރީ“ ގައި އެންމެ މުހިންމު ލީޑު ރޯލުތަކެއް ކުޅޭ ކުޑަކުޑަ ދެ ތަރިންނަކީ ނަހޫގެ ހުނަރުވެރި ހަގު ދަރިފުޅު ލާލި އާއި ނާޝްގެ ހުނަރުވެރި ދަރިފުޅު އެވްލީން އެވެ. މި ކުދިންގެ ހުނަރުވެރިވެ އެކްޓިންގްއިން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ.



