އިންޑިއާގެ އަޙްމަދްއާބާދް ކައިރިއަށް އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގް 787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަހުގީގުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
އެގޮތުން އެ އިދާރާއިން އިއްޔެ ވަނީ ޖެންއެކްސް އިންޖީނު އަޅާފައިވާ ބޮއިންގ 787-8/9 މަރުކާގެ މަތިންދާބޯޓުތަކުގެ އުދުއްސުމާއި އިންޖީނުގެ އިތުރު މެއިންޓެނަންސް ޗެކްތަކެއް ހަދަން އެއާ އިންޑިއާއަށް އަންގާފަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެ އިދާރާއިން ބުނެފައިވަނީ އެ ބޯޓުތައް ގާތުން ބެލުމަށް ވެސް އަންގާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާ ފްލީޓުގެ 34 ބޯޓު އޮތް ކަމަށް ވެސް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނެފައިވެއެވެ.
އެ 34 ބޯޓުގެ ތެރެއިން، 8 ބޯޓު މިހާރު ވެސް ތަހުގީގު ކޮށްފައިވާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން ހުރިހާ ބޯޓެއް ބަލައި، މައްސަލައެއް ނޫޅޭކަން ޔަގީން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެއާ އިންޑިއާގެ ފްލީޓުގައި 33 ބޮއިންގް 787 މަރުކާގެ މަތިންދާބޯޓު ބޭނުންކުރާއިރު، އެ މަރުކާގެ ބޯޓެއް އިންޑިގޯ އެއާ އިން ވެސް ބޭނުންކުރެއެވެ.



