ސްކޭމް ކޮށްގެން މީހުން އަތުން ފައިސާ ހޯދުމުގެ އިތުރު ހަރަކާތެއް އަނެއްކާވެސް ދައުރުވަމުންދާތީ ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން މިފަހަރު ލިންކު ފޮނުވަމުން ދަނީ ކަސްޓަމްސްގެ ފީއެއް ދެއްކުމަށް ކަމަށް ބުނެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ މިފަދައިން ފޭކު ލިންކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން ”އެމްއެޗްސީއެލް“ ކިޔާ ގޮތް ނޭނގޭ ފަރާތަކުން ދަނީ، މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވަމުންނެވެ.
އެ މެސެޖުގައި ބުނެފައިވަނީ ކަސްޓަމްސް ފީ ނުދައްކާތީ އޯޑަރ ޑެލިވަރ ނުކުރެވޭނެ ކަމަށެވެ. އަދި ފައިސާ ދެއްކިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ އެ މެސެޖުގައި ލިންކެއް ވެސް ހިމަނާފައިވެއެވެ.
ބޭރުން އެއްޗެހި ގެންނަން އޯޑަރު ނުޖަހާ ފަރާތްތަކުގެ ފޯނަށް ވެސް މި މެސެޖު ފޮނުވާފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.
ކަސްޓަމްސްއިން މިކަމާ ބެހޭގޮތުން ބުނެފައިވަނީ އެއީ ބަޔަކު ހިންގާ ސްކޭމެއް ކަމަށާއި އެފަދަ ލިންކުތަކަށް ސަމާލު ވުމަށެވެ. އަދި ކަސްޓަމްސްގެ އެއްވެސް ފީއެއް ދެއްކުމަށް ލިންކަކާއެކު މެސެޖު ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.




