މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އިޒްރޭލާއި އީރާނާ ދެމެދު ދެމުން ފެށިފައިވާ ހަނގުރާމައިގައި، ދެ ޤައުމުން ވެސް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
މި ހަނގުރާމަ ފެށިފައިވަނީ އިޒްރޭލުން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަކަށް ފުރަތަމަ ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެ ހަމަލާގައި އީރާނުން 70 އަށްވުރެ ގިނަ މީހުން ޝަހީދުވި ކަމަަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިޒްރޭލުގެ އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، އިޒްރޭލުގެ ވެރި ރަށް ތެލް އަވީވްއަށް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި ޔަހޫދީ އިޒްރޭލުން އެކަކު މަރުވެ، 40 މީހުން ޒަހަމްވެފައިވެއެވެ.
މި ހަމަލާތަކާއެކު ފެށިފައިވާ ހަނގުރާމައިގައި ދެ ޤައުމުން ވެސް ބުނެފައިވަނީ، ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަަށެވެ.
އެގޮތުން އިޒްރޭލުން ވަނީ އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ބޮމުގެ ހަމަލާތަކެއް އިއްޔެ ދީފައެވެ. އެކަމުގެ ސަބަބުން ތެހްރާންގައި ހުރި ޝަހްރާން އޮއިލް ފެސިލިޓީގައި ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައެވެ.
އާދައިގެ މަތިން އިޒްރޭލު ސިފައިން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުމަަށްފަހު، އެކަން ދިފާއު ކުރުމުގެ ގޮތުން ބަހަނާ ދައްކާ ފަދައިން، އިއްޔެ ދިން ހަމަލާއާ ގުޅޭގޮތުން ވެސް ބުނީ އެމީހުން އެ ހަމަލާތައް އަމާޒުކުރީ ސިވިލިއަން ސަރަހައްދަކަަށް ނޫން ކަމަށާއި އީރާނުގެ ނިއުކްލިއަރ ހަތިޔާރުތައް ހަދާ ސަރަހައްދަށް އަމާޒުކޮށް ކަމަށެވެ.
އިޒްރޭލުގެ މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ ރޭގައި ހަމަލާތަކެއް ދީފައެވެ. އެގޮތުން އިޒްރޭލުގެ ހައިފާ އާއި ތެލް އަވީވްއަށް އަމާޒުކޮށް ދިން މިސޭލު ހަމަލާގައި އިޒްރޭލުން 8 މީހަކު މިހާތަނަށް ވަނީ މަރާލާފައެވެ.
އީރާނުގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، ފާއިތުވީ ދެ ދުވަހު އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި އީރާނުން ގާތްގަނޑަކަށް 80 މީހުން ޝަހީދުވެފައިވާ ކަމަށާއި 800 މީހުން ޒަހަމް ވެފައިވާ ކަމަށެވެ. ޝަހީދުވީ މީހުން ތެރޭގައި 20 ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.



