މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާނެގި ކަމަށް ބުނެ މަގާމުން ވަކިކޮށް ހައްޔަރުކުރި މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްޢާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދު ކުރަން (ވާނުވާ ބަންދަށް ބަންދު ކުރަން) ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
ޝަމްޢާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވަނީ ކުރިން ތާއީދު ކޮށްފައެވެ. އޭނާ ބަންދު ކޮށްފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. އަދި ބަންދުގެ މުއްދަތު އެންމެ ފަހުން ޖެހިއިރު، ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ވަނީ އަމުރު ކޮށްފައެވެ.
ޝަރީއަތް ނިމެންދެން ޝައްމާން ބަންދު ކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ފެށިއިރު، އެ މައްސަލައިގެ ބެންޗުގައި ހިމެނެނީ މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް އައްޔަނު ކުރި ދެ ފަނޑިޔާޔާރުން ކަމަށްވާ އަބްދުﷲ ހަމީދު އާއި ހުސެއިން ޝަހީދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޝަހީދު އެވެ.
ޝަމްޢާން އާމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓު މަރުހަލާގައިވަނީ ބުނެފައެވެ.
މީގެއިތުރުން ޝަމްޢާންގެ އަންހެނުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ”ނުހައްގުން، ފްރޭމްކޮށްގެން“ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ދޮގު ކުރައްވާފައެވެ.



