”އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސް“ ގެ ނަމުގައި ހިންގި ބައިނަލްއަގުވާމީ އެންޓި-ސްކޭމް އޮޕަރޭޝަންގައި ދިވެހި ފުލުހުން ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް ހޯދައިފިއެވެ. މިއީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، މިއަހަރުގެ އޭޕްރީލް މަހުގެ 28 އިން މެއި 28 އަށް ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، ބައިނަލްއަގުވާމީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކޮށްފައިވެއެވެ.
މި އޮޕަރޭޝަންގެ ތަފްސީލު ފުލުހުން މިއަދު ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، ރާއްޖެއިން މި އޮޕަރޭޝަންގައި 199 މައްސަލައެއް ރިޕޯޓު ކުރިކަމަށެވެ. އަދި މި މައްސަލަ ތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ވެސް ލިބިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 640،000ރ. ދިވެހި ފުލުހުން އަނބުރާ ހޯދާފައިވެއެވެ. މިއީ %21 ގެ ރިކަވަރީ ރޭޓެކެވެ.
”މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރިކަވަރީ ރޭޓް“ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ފްރޮންޓިއާ+ ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށެވެ.




