މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 60 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހ. މެޑޯސްވީޓް / މާލެ، އަޙްމަދު ޢަފީފް (60އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓް ކައިރިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހު ބަންދުގެ މުއްދަތެއް ދީފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




