ވެރިރަށް މާލެ ސިޓީގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް އެހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި، މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މޭޔާސް ފޯރަމްގެ ފަޔާ ޗެޓް ސެޝަންގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ކާބަން މަދުކުރުމަށް، ހަކަތައިގެ ނުވަތަ ދަތުރުފަތުރުގެ އިސްލާހުތަކުން ފެށިގެން އައްސޭރިފަށް ހިމާޔަތްކުރުމާއި މާލެ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް ފެށުމުގެ މަރުހަލާގައި ވިނަމަވެސް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ މަސައްކަތުން ކުރިއެރުންތައް ހާސިލުކުރެވެމުންދާ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން ކަމަށާއި އެއީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.




