އީރާނުން އަލަށް ދިން ރައްދުގެ ހަމަލާތަކުގައި އިޒްރޭލުގެ ތިން މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
އިއްޔެ ދުވާލު ގަޑީގައި އީރާނުން ވަނީ އިޒްރޭލުގެ ވެރި ރަށް ތެލް އަވީވް އަށާއި ހައިފާގެ ބަނދަރު ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ މިސޭލު ހަމަލާ ފޮނުވާފައެވެ.
މި ހަމަލާތައް އީރާނުން ދީފައިވަނީ ހޮނިހިރު ދުވަހުގެ ރެއާއި އިއްޔެ ހެނދުނު އިޒްރޭލު ސިފައިން، އީރާނުގެ ވެރި ރަށް ތެހްރާނަށް ދިން ބޮމުގެ ހަމަލާތަކުގެ ރައްދެއްގެ ގޮތުގައެވެ.
އިޒްރޭލާއި އީރާނާ ދެމެދު ފަށާފައިވާ މި ހަނގުރާމައިގައި، އީރާނުން މިހާތަނަށް 224 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންގެ ތެރެއިން 70 އަންހެނުންނާއި ކުޑަކުދިންތަކެއް ވެސް ހިމެނެއެވެ.
އިޒްރޭލުން އިއްޔެ އީރާނަށް ދިން ހަމަލާގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑު ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިންޓެލިޖެންސް ޗީފާއި އިތުރު ދެ ޖެނެރަލުން ވެސް އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުނީ، އީރާނުން ދެމުންގެންދާ ހަމަލާތައް މެދުކަނޑާލާނީ އިޒްރޭލުން ވެސް ދެމުންއަންނަ ހަމަލާތައް ހުއްޓާލުމުން ކަމަށެވެ.
މި ހަނގުރާމައާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އީރާނާއި އިޒްރޭލަށް ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން އެއްބަސްވުމަކަށް ދެވޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ. ނަމަވެސް މި ހަނގުރާމައިގައި އެމެރިކާއިން އޮތީ އިޒްރޭލާ އެއްކޮޅަށް ކަމުގައި ވެސް ޓްރަމްޕް ބުނެފައިވެއެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ފެށިފައިމިވަނީ، މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަކަށް ވައިގެ ހަމަލާތަކެއް ފުރަތަމަ ދޭން ފެށުމުންނެވެ.



