މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް މެންބަރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ، އެ ކޮމިޝންގެ މެންބަރު އައިމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އޭނާގެ ދައުރު ހަމަވީ މިއަދަށެވެ.
އެ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމާއެކު ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ވަނީ މާކްސް ދީފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
އެއީ:
° ވީނިއުސްގެ ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު – %89
° ޕީއެސްއެމްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރު – %85
° އޭއޯ ނިއުސްގެ ފައުންޑަރ ޝިމްލާ އަހްމަދު – %77
މި ތިން ބޭފުޅުންގެ ނަން މަޖިލިސް ތަޅުމަށް ފޮނުވުމުން އެކަމާ ގުޅޭގޮތުން މިއަދު ވަނީ ބަހުސް ކޮށްފައެވެ. އެއަށްފަހު ތަރުތީބުން ވޯޓަށް އެހުމުން، 56 މެންބަރުންގެ ވޯޓާއެކު ފާސްވީ ޒަމްއަތު އެ މަގާމަށް އައްޔަނު ކުރުމަށެވެ.



