ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން ތަންފީޒީ ފިޔަވަޅުތަކާއެކު، 3.7 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ދައުލަތައް ނުލިބިހުރި ފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ.
މީރާއިން ބުނެފައިވާ ގޮތުގައި ފައިސާ ނުދައްކާހުރި މީހުންގެ ތެރެއިން، ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާއި އެއްގޮތަށް އަމަލުކޮށްފައިވެއެވެ.
ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ވަނީ ތަންފީޒީ މައިގަނޑު ހަ ފިޔަވަޅެއް އަޅާފައެވެ. މިފިޔަވަޅުތައް އަޅާފައިވަނީ 18،969 ފަރާތަކަށެވެ.
އެ ފިޔަވަޅުތަކަކީ:
° ނޯޓިސް ފޮނުވައިގެން – 2.74 ބިލިއަން ރުފިޔާ ހޯދި
° ޑިއުޒް ކްލިއަރެންސްއިން – 625.7 މިލިއަން ރުފިޔާ ހޯދި
° ނަން ހާމަކޮށްގެން – 43.9 މިލިއަން ރުފިޔާ ހޯދި
° ބޭންކް އެކައުންޓް ފްރީޒް ކޮށްގެން – 109.42 މިލިއަން ރުފިޔާ ހޯދި
° ޤާނޫނީ ފިޔަވަޅު އަޅައިގެން – 86،733 ރުފިޔާ ހޯދި
° ރިމައިންޑަރ ދީގެން / އީމެއިލް ފޮނުވައިގެން – 239.9 މިލިއަން ރުފިޔާ ހޯދި
މި ފިޔަވަޅުތަކާއެކު މީރާއިން ވަނީ 3.76 ބިލިއަން ރުފިޔާ ހޯދާފައެވެ.



