ސީ-ޓު-އެއަރ ކާގޯގެ ހިދުމަތައް ބައިނަލްއަގުވާމީ 17 އެއާލައިނަކުން މިހާރު ގުޅިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެ ދެ ކުންފުނިން ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ. އަދި މި ހިދުމަތަކީ މި ސަރުކާރުން މުޅިން އައު ހިދުމަތެއްގެ ގޮތުގައި ފަށާފައިވާ ހިދުމަތެކެވެ.
އެގޮތުން ސީ-ޓު-އެއަރ ކާގޯ ހިދުމަތަށް އަހަރެއްގެ ތެރޭގައި ނަތީޖާ ވަރަށް ރަނގަޅުކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައެވެ. މި ހިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. އަދި މި ހިދުމަތާ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.
އެމްއޭސީއެލުން މި ހިދުމަތާ ގުޅޭގޮތުން ބުނީ، ސީ-ޓު-އެއަރ ކާގޯގެ ހިދުމަތައް މިހާރު ބައިނަލްއަގުވާމީ 17 އެއަރލައިނަކުން ގުޅިފައިވާކަމަށާއި ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވަމުންދާކަމަށެވެ.
ސަރުކާރުން ފާހަގަ ކޮށްފައިވާ ގޮތުގައި ސީ-ޓު-އެއަރ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަނީ ވަދެފައެވެ.




