ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 5 ލައްކައެއްހާ ރުފިޔާ ދިނުމާއި އިތުރު 70،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ފިނޭންސް މިނިސްޓްރީ ލަފާ ހޯދުމާ ގުޅިގެން، ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރަކަށް މިހާރު ހުންނެވި މުއުތަސިމް އަދުނާން ވަނީ ރިޓަޔާ ކުރައްވަން މިދިޔަ މެއި މަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަނީ ހުށަހަޅުއްވާފައެވެ.
އެހެންކަމުން އެ މަނިކުފާނަށް އިތުރު އެލަވަންސެއް ލިބިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހު ކުރަން އެ ކޮމިޝަނުން ނިންމައި އެކަމުގައި މަޖިލީހުން އެދޭ ގޮތެއް ބެލުމަށް އިއްޔެ ވަނީ ފޮނުވާފައެވެ.
އެގޮތުން:
° ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ވަނީ ހިމަނާފައެވެ. އެފަދައިން ފާސްވެއްޖެނަމަ، އުއްތަމަ ފަނޑިޔާރު މުއުތަސިމްއަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.
° އޭގެ އިތުރުން ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުން ހިމެނެއެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން މިކަމާ ދެކޮޅު ހައްދަވާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މި އިސްލާހަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.




