ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓް މަސައްކަތްކުރަމުންދާ ސައިޓުން ވަގަށް ނެގި ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެގޮތުން އެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތި މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރަމުންދިޔަ މަސައްކަތުން ވަގަށްނަގާފައިވާ ތަކެތި ހޯދާފައި ވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައި ވަނިކޮށް ކަމަށެވެ.
އޭގެ ތެރޭގައި ބައެއް ތަކެތި ފެނިފައި ވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށާއ ދެންހުރި ތަކެތި ފެނިފައި ވަނީ އެ ރަށުގެ ފަޅު ގޯއްޗަކުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެކެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަަންނަ ކަމަށް ފުލުހުން ހާމަކުރެއެވެ.




