އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން، މިހާރު އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ގޮސްފާނެ ކަމުގެ ބިރެވެ. މި ބިރާއެކު ތެލުގެ އަގު އުފުލިގެން ގޮސްފިނަމަ، އޭގެ އަސަރު ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ކޮށްފާނެކަމުގެ ބިރަކީ ވެސް އުފެދިފައިވާ ބޮޑު ކަންބޮޑުވުމެކެވެ.
ޚާއްސަކޮށް ރާއްޖެފަދަ އިމްޕޯޓަށް މުޅިންހެން ބަރޯސާވެފައިވާ ޤައުމަކަށް މިކަމުގެ އަސަރު ކުރާނެކަން ވަރަށް ބޮޑަށް ބެލެވެއެވެ.
ރާއްޖޭގައި ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ބޮޑު ބައެއް ޖެހެނީ އިމްޕޯޓު ކުރާށެވެ. އޭގެތެރޭގައި ތެލާއި ގޭހަކީ އެފަދައިން އިމްޕޯޓުކުރާ ބާވަތްތަކެކެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ވަނީ، ތެލާއި ގޭސް އުފައްދާ އަދި ރައްކާކުރާ އީރާނުގެ ރިފައިނަރީތަކާއި ކާރުޚާނާތަކަށް ހަމަލާދޭން ފަށާފައެވެ.
ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ޔަހޫދީންގެ މި ހަމަލާތަކާއެކު ތެލުގެ ސަޕްލައި ޗެއިނަށް ބުރޫއަރައި، ތެލުގެ އަގު މިއީން ދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.
އެ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ނުވަ ވަރަކަށް އިންސައްތައަށް މައްޗަށް ގޮސްފައިވާއިރު، އީރާނުގެ ތެލާއި ގޭހުގެ އެކި ކާރުހާނާތަކާއި ފެސިލިޓީތަކަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކާއެކު ތެލުގެ އަގު އިތުރަށް މައްޗަށް ދާނެކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ރާއްޖެވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މީގެ ކުރިންވެސް މަތިވުމުން އޭގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ. އަދި މިކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ޤައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެއެވެ. ސަބަބަކީ ރާއްޖެއަކީ ތެލުގެ މާބޮޑު ރިޒާވްއެއް އޮންނަ ޤައުމަކަށް ނުވުމެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ ސަރުކާރު ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އެސްޓީއޯއިން އަބަދުވެސް ބަލަމުން އަންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު، އެކަމުގެ ތަކުލީފު ރައްޔިތުންނަށް ނުވާނެ ގޮތަކަށް ހެޔޮ އަގުގައި ތެލާއި ޑީސަލް ވިއްކުމަށެވެ.
ރާއްޖޭގައިދޭ ސަބްސިޑީތަކުގެ ތެރެއިން، އެންމެ ބޮޑު ޚަރަދެއް ބަޖެޓުން ހިނގަނީވެސް ފިއުލް ސަބްސިޑީ އަށެވެ. ފިއުލް ސަބްސިޑީއަކީ ކަރަންޓް އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ވަކި އަގެއްގައި ކޮންޓްރޯލްކޮށްފައިވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ކޮސްޓާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް ވިއްކާ އަގުގެ ފަރަގު އެސްޓީއޯއަށް ފޯރުކޮށްދިނުމަށް ހިނގާ ސަބްސިޑީއެކެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގައި ތެހެރާނުގައި ހުންނަ ތެޔޮ ރައްކާކުރާ މައި އެއް ކާރުހަނާއާއި ރިފައިނަރީއަކަށްވެސް ހަމަލާދީފައިވާކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ހަމަލާތަކެއްގައި ލިބުނު ގެއްލުމާއި ގުޅިގެން އެ ޤައުމުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑްގައި ކުރިއަށްދާ ބައެއް މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނާނެކަމަށް ކަމާބެހޭ މާހިރުން ދަނީ ބުނަމުންނެވެ. އެހެންކަމުން މީގެ އަސަރު ރާއްޖެއަށް ވެސް ކުރުން ވަރަށް ގާތްކަމަށް ބެލެވެއެވެ.


