ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ”ޓޯ-ބަރލެސް“ ޓްރަކްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ތައްޔާރު ވެއްޖެއެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، ޓީ.ޕީ.އެކްސް– 200އެމް.ޓީ.އެކްސް މޮޑެލްގެ މި ޓްރަކްއަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތް ދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެކެވެ.
މި ޓްރަކް ވީ.އައި.އޭގެ ގްރައުންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއިއެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ ކަމަށް އެމް.އޭ.ސީ.އެލް އިން ބުނެފައިވެއެވެ.
މިއީ ޒަމާނީ ބަދަލުތަކާއިއެކު ތަރައްޤީވަމުން އަންނަ އެއަރޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކްކެވެ.
މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާއި ހިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެއެވެ. އަދި ހަމަ އެއާއިއެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓުތަކަށް ވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެއެވެ. މިއީ، މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ޚަރަދު ކުޑަ ޓްރަކެއްކަން ވެސް އެއާޕޯޓު ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

މި ޓްރަކް ބޭނުންކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން، އެމް.އޭ.ސީ.އެލް ގެ ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދުތަކަކީވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ޚިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމް.އޭ.ސީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކްއާއިއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމް.އޭ.ސީ.އެލް އިން މިހާރުވަނީ މި ޓްރަކް އޮޕަރޭޓްކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފައެވެ. މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ މަތިންދާ ބޯޑުތަކަށާއި ޕަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.




