މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިހާރު އަމަލު ކުރަމުން އަންނަ ޖީއެސްޓީ ގާނޫނުގައި ޓެކްސް ނަގަން ލާޒިމުވާ ވަގުތު ކަނޑައެޅުމަށް މުދާ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ވަގުތު ބަޔާންކޮށްފައިވާ ގޮތުން، ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްްޔެ ހުށަހެޅި ކުއްލި ގަރާރު މިއަދު މަޖިލިހުން ބޭރުކޮށްލައިފި އެވެ.
މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު އެވެ.
ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރުކޮށްލީ މެންބަރުން އެ ގަރާރަށް ބަހުސްކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ބެލުމަށް ނެގި ވޯޓުގައި، އެކަމާ ބަހުސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 36 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ. ފެނިވަޑައިގަންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރަކާއި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން އެވެ.
”މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު“ ގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް އޮންނަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި، މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާ ވަގުތެވެ.
މިފަދައިން ގާނޫނުގައި އޮތުމުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވެގެންދެ އެވެ. އެކަމަކު އެ މުދަލެއް ވިއްކި ފަރާތަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ފަރާތަށް އެއަށްވާ ފައިސާ އެހާ ތަނަށް ނުލިބޭތީ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.




