ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމުގައި 50 ކައުންސިލަރުން ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިއީ ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީންގެ ފުރަތަމަ ބުރު ކަމަށެވެ. މި ބުރުގައި 50 ޖާގައަށް ފުރުސަތު ދޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހުކުރު ކުރުމާއި ޚުތުބާ ކިޔުމުގެ ހުއްދަ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ކައުންސިލަރުންނަށް އެކަނި ކަމުގައި އެ މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވެއެވެ. މުޅިއަކު 15 ހަފްތާއަށް ކުރިއަށްގެންދާ މި ކޯހުގައި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާނީ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ކޯހަށް ހޮވުމުގައި ބަލާނީ ގުރުއާން ފަރިތަކަމާ އެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ކިޔުމުގެ ފަރިތަ ކަމަށެެވެ.
ޕްރޮގްރާމުގައި ބައިވެރިވާން ސީވީ އާއި އައިޑީކާޑު ފަދަ ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ 1:00 ގެ ކުރިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




