މާލޭގައި ދިރިއުޅެމުންދިޔަ އެޕާޓްމެންޓަށް ނުވަދެވުމުން ދޮރު ހަލާކޮށްލި ފިރިހެނަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލަކަށް ލުމަށް އަމުރުކޮށްފައެވެ.
އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ އޭނާގެ ހައްޔަރާއި ބަންދުގެ ލޮގުގައި ހުރި ކަންކަމަށް ބަލާއިރު އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގައި މީގެ ކުރިން އެތައް ފަހަރަކު އޭނާ ބަންދުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ދިރިއުޅޭ އެޕާޓްމަންޓަށް ނުވަދެވުމުން އެތަނުގެ ދޮރު ހަލާކުކޮށްލާފައިވާކަން ފުލުހުންގެ ހާދިސާގެ ރިޕޯޓުން އެނގޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން މުދަލަށް ގެއްލުންދިން މައްސަލައިގައި ފަސް ދުވަހަށް ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




