މާލޭގެ ގެއެއްގެ ފުރާޅު މައްޗަަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓު އާންމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގްވައިފިއެވެ.
އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހިނގި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ގެންދެވި ގޮތާމެދު އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރުމުން، އެ ހާދިސާ ތަހުގީގު ކުރެއްވުމަށް ޚާއްސަ ކޮމިޝަނެއް ރައީސް މުޢިއްޒު އުފެއްދެވީ އޭޕްރިލް 27 ގައެވެ.
އެ ކޮމިޝަނުން މިއަދު ވަނީ، ކޮމިޝަންގެ މަސައްކަތް ނިންމައި، ރައީސަށް ރިޕޯޓު އަރުވާފައިވާކަން ހާމަކުރައްވާފައެވެ.
އެއާއެކު ރައީސް މުޢިއްޒު މީގެ ކުޑައިރުކޮޅެއް ކުރިން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގަންނަވާފައިވާ ކަމަށާއި ފުރިހަމަ ރިޕޯޓު އާންމު ކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަަށެވެ.
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ، ހާދިސާ ހިނގި ދުވަހު އޭނާއާއެކު، ހ. ފެންޓެނޯއީ ގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް އެވެ. އޭނާ މިހާރު ދޫކޮށްލާފައި ހުރިނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ހަފްތާގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.
މި މައްސަލައާ ގުޅިގެން ރައުދުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ:
° އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.




