ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ބަދަލުވީ ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމަށްސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
ޤުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި ޑރ. ވަހީދު ވިދާޅުވިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިޞްލާޙީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ވުނަކުރެވޭނެ ކަމުގެ ދަލީލު ދައްކަވައި، ވާހަކަދައްކަވަމުންނެވެ.
ވުނޭރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ހާޒިރުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން، ޑރ. ވަޙީދު ވަނީ، ވަކީން ޚާއްޞަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއިއެކު އެ ހީކުރުންތައް ބާޠިލުކުރަންޖެހުނު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ”އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް“ ޑރ ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި ޑޮކްޓަރ ވަޙީދު ވިދާޅުވީ އަދުގެ ސަމާލުކަން ޚާއްޞަ ވަނީ މުސްތަޤުބަލަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކުރިއެރުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ 2040 ގެ ތަޞައްވުރުވެސް އެ މަނިކުފާނު ވަނީ ޙިއްޞާ ކުރައްވާފައެވެ.
އަދި މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސް މުޢިއްޒު ތަޢާރަފުކުރެއްވި އިސްތިރާޖެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ތަޞައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ވާދަވެރި އިޤްތިޞާދަކަށް ދިވެހި އިޤްތިޞާދު ބަދަލުކުރެވޭނެކަން ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.
އެގޮތުން ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަޤުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް ޑރ. ވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ހަމައެހެންމެ ދެމެހެއްޓެނިވި އަރބަން ސެންޓަރުތައް ތަރައްޤީކޮށް، އެކްސްޕޯޓް ސިނާޢަތަށް ޚާއްޞަކޮށްގެން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް، ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 5 އިންސައްތައިގައި ހުންނާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން އަންދާޒާ ކުރައްވާފައިވާކަމަށާއި ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަޤީންކަން ވުނޭރުންނަށް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
ޑރ. ވަހީދުގެ ވާހަކަފުޅުގައި ވަނީ ދިގުމުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތަޢާރަފުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިޤްތިޞާދެއް ބިނާކުރުން ކަމުގައިވެސް ޑރ. ވަޙީދު ވިދާޅުވިއެވެ.
ހަމައެހެންމެ ދިވެހިރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު،ރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށްވެސް ފޯރަމްގެ ބައިވެރިންނަށް، ޑރ. ވަހީދު ގޮވާލެއްވިއެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. ވަޙީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އަޒުމު ވަރުގަދަ މި ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ބައިނަލްއަޤްވާމީ ބައިވެރިންނަށް އިލްތިމާސްކުރައްވައި، ”އިޚްތިޞާޞެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްޤީވުމަށް ހިތްވަރުދޭ އިޚްތިޞާޞެއް ކަމުގައިވާނަމަ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރަށް،“ ކަމުގައި ވިދާޅުވިއެވެ.



