މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ދޭން އޭނާގެ އާއިލާ ދެކޮޅު ހެދިކަމަށް، މި ހާދިސާ ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރާ ގޮތާމެދު އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން، އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުޢިއްޒު ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރިލް 27 ވަނަ ދުވަހުގައެވެ.
އެ ކޮމިޝަނުން މިއަދު ވަނީ އެ މަސައްކަތް ނިންމައި، ރިޕޯޓު ރައީސް މުޢިއްޒުއަށް ހުށަހަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ރިޕޯޓު އާންމުކުރުމަށް މިއަދު އަންގަވާފައެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން، ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރުމުންވެސް އޭނާގެ ބަޔާން ނެގިފައިނުވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންކަމުން ރިޔާމީ ކޮމިޝަނުން ރައީސަށް ފޮނުއްވި ރިޕޯޓުގައި ވެސް ޔުމްނުގެ ބަޔާން ހިމެނިގެނެއް ނުވެއެވެ.




