ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް ދެނެގަތުމަށް ކުރިއަށްގެންދިޔަ ސާވޭ ނިންމާލައިފިއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރިޕޯޓް ލޯންޗްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފްއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ އިތުރުން، އެ މަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަމުގައެވެ.
އެ އަމާޒަށް ވާޞިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި އަމާޒަށް ވާޞިލްވުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްޞަ އިނާޔަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތައް ފެށިފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި ޝާމިލްވުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.
އަދި، ސަރުކާރުން މި ފަހިކޮށްދޭ އާމްދަނީ ހޯދުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ އެ ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާޞިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.



