އާރުޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެއެވެ.
މީގެ ކުރިންވެސް އާރްޓީއެލްގެ ނަމުގައި ވަނީ ސްކޭމް މެސެޖުތަކެއް ދައުރުކޮށްފައެވެ.
އެމްޓީސީސީން މިއަދު ބުނީ އެމްޓީސީސީގެ އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ސްކީމެއް ކަމަށް ބުނެ ’މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު’ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ސްމާޓް ކާޑެއް ޕްރޮމޯޓު ކުރަމުންދާ ކަމަށެވެ.
އެގޮތުން 35.58ރ.ގެ ފީއެއް ދެއްކުމުން އާރުޓީއެލް ބަސްތަކުގައި ހަ މަހަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ޕޭޖުން އާންމުކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެ ޕޭޖަކީ އެމްޓީސީސީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށެވެ.
އަދި އެ ޕޭޖުން ޕްރޮމޯޓު ކުރާ ކަންކަމާއި ހިންގާ ހަރަކާތްތަކަކީ ވެސް އެ ކުންފުންޏާ އެއްވެސް ގުޅުމެެއް އޮތް ކަންތައްތަކެއް ނޫން ކަމަށާއި ކަސްޓަމަރުންނާ ގުޅުން ހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާ ނަމަ ނުވަތަ ކުރިއަށް ގެންދާނަމަ އެ މައުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.



