ރެއަކީ ބޮޑު ރެއެކެވެ. އަހަރުގެ މިހާތަނަށް އައި އިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދިވެހި ފިލްމު ”ސޮރީ“ އޮލިމްޕަހުގައި ރިލީޒް ކުރި ރެއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ފަރާތުން، މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް ޑައިރެކްޓު ކުރި މި ފިލްމުގެ ޕްރިމިއަރ ނައިޓް ރޭގައި ބާއްވާފައިވާއިރު، ނަހޫ ދިން އެއް ޔަގީންކަމަކީ، ހަމަގައިމުވެސް ފިލްމު ބަލާފައި ނުހަނު ފުން އަސަރުތަކެއް ކުރާނެ ކަމަށާއި ނުރޮވި ނުހުންނާނެ ކަމެވެ.
ފިލްމު ބަލާ ނިމުމަށްފަހު، އޮލިމްޕަހަށް ދިޔަ މީހުންގެ މޫނުމައްޗަށް ބަލައިލުމުން ނަހޫ އެބުނި ބަހަކީ ތެދެއްކަން ސާބިތުވިއެވެ. ކޮންމެ މީހަކަށް ވެސް ހުރީ ”ސޮރީ“ ގެ ސަބަބުން ފުން އަސަރުތަކެއް ކޮށްފައިކަން ޔަގީންވިއެވެ.
”ސޮރީ“ ގެ ލީޑް އެކްޓަރުންގެ ބަޔަށް ދެން ޖެހިލާނަމެވެ. މި ފިލްމުގައި މެއިން ކެރެކްޓަރަކަށް އުޅެފައިވަނީ، ދިވެހި ފިލްމީ ދާއިރާގައި މިހާރު އިތުރު ތައާރަފަކަށް ބޭނުން ނުވާ މަރިޔަމް އައްޒަ އާއި އެފަދަ ދެވަނައެއް ނުވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ދެ ތަރިންގެ އިތުރުން އަލީ ޝަމީލް ވަނީ މި ފިލްމުގައި ވަރަށް ވެސް ފާހަގަ ކުރެވޭ ރޯލެއް ކުޅެފައެވެ. މީގެއިތުރުން އާނަންދު އާއި ވާޝިއާ (ޝިއާ) ވެސް ވަނީ، އެ ތަރިންގެ ހުނަރުވެރި އެކްޓިންގެ ސަބަބުން ”ސޮރީ“ އިތުރަށް ފަޅުފިލުވާ ދީފައެވެ.
މި ހުރިހާ ތަރިންގެ ހުނަރުވެރި އެކްޓިންގާ އެކުވެސް، މި ފިލްމުން އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ނަހޫގެ ހަގު ދަރިފުޅު ލާލި ގެ މޮޅު އެކްޓިންގާއި ދޮށީ އަންހެން ދަރިފުޅު ނާޝްގެ ދަރިފުޅު އެވްލީގެ ހުނަރުވެރި އެކްޓިންގެވެ.
ސްޕޮއިލަރ އަކާ ނުލައި މި ފިލްމުގެ ރިވިއު ލިޔަން ވަރަށް ވެސް އުނދަގުލެވެ. ނަމަވެސް މިފަދަ މޮޅު ފިލްމެއް ހަމަ ލޮލަށް ބަލައިލުމުން ކުރާނެ އަސަރު މާބޮޑުވާނެތީ، މި ރިޕޯޓުގައި މާބޮޑު ކުރިމެރުމެއް ނުލިޔާނަމެވެ.
އެކްޓަރުންގެ ހުނަރު:
މަރިޔަމް އައްޒަ
އައްޒައާ ބެހޭގޮތުން އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާއަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓްރެސްއެވެ. ކޮންމެ ޕްރޮޑިއުސަރަކުވެސް އަދި ޑައިރެކްޓަރަކު ވެސް އެމީހެއްގެ ޕްރޮޖެކްޓެއްގައި އައްޒަ މަސައްކަތް ކުރަން ބޭނުންވަނީ ސަބަބެއް އޮވެގެންނެވެ. އެއީ، އޭނާއަކީ ކޮންމެ ކެރެކްޓަރެއް ވެސް ހަމަ އެންމެ ފުރިހަމައަށް ކުޅެލާ މޮޅު އެކްޓަރަކަށް ވުމެވެ. ފިކްމު ”ސޮރީ“ ގައި ވެސް، ކިތަންމެ ގިނައިން ރޯން ޖެހޭ ކެރެކްޓަރެއް ކުޅެން ޖެހުނު ނަމަވެސް، ކަރުނައިން ލައިގެން ހުރި ހެދުން ފޯވާހާ މޮޅަށް އައްޒަ ވަނީ މި ފިލްމުގައި އޭނާގެ ކެރެކްޓަރ ދައްކުވައިދީފައެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ)
ފިލްމު އިންޑަސްޓްރީގައި ޔޫއްޕެ މަސައްކަތް ކުރާތާ މިހާރު 40 ވަރަކަށް އަހަރު ވެދާނެއެވެ. ހަމަގައިމުވެސް ޔޫއްޕެ އަކީ ޚާއްސަކޮށް ނަހޫގެ އުފެއްދުންތަކުގައި އައު މޫނަކަށް ނުވާނެއެވެ. އެތައް ބައިވަރު ސަޕޯޓަރުންނެއް ޔޫއްޕެއަށް ލިބިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ސަބަބަކީ އޭނާގެ ހުނަރުވެރި މޮޅު އެކްޓިންގެވެ. މި ފިލްމުގައި ޔޫއްޕެ ކުޅެފައިވާ ހުރިހާ މަންޒަރަކުން ވެސް، އޭނާގެ އެ ހުނަރު ވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ.
އަލީ ޝަމީލް
ކުރިންވެސް ބުނިހެން، ”ސޮރީ“ ގައި ޝަމީލް ދައްކުވައި ދީފައިވަނީ ވަރަށް ތަފާތު ކެރެކްޓަރެކެވެ. ފިލްމު ބަލަމުން ދިޔައިރު އޭނާދެކެ އިންތިހާއަށް ރުޅިވެސް އާދެވުނެވެ. އަދި ހަމައެއާއެކު އޭނާއަަށް ހަމްދަރުދީ ވެސް ވެވުނެވެ. ޝަމީލްގެ އެކްޓިންގް ރޭޓް ކުރާނަމަ، އަޅުގަނޑު ދޭނީ 10 އަކުން 11 އެވެ. އެހާވެސް އޭނާގެ އެކްޓިންގް މީގައި މޮޅެވެ.
ވާޝިޔާ (ޝިޔާ)
ޝިޔާއަކީ ވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި މިބާރު އިތުރު ތައާރަފަކަށް ބޭނުންވާނެ ތަރިއެއް ނޫނެވެ. އަމިއްލަ މިޒާޖުގައި ވެސް މީހުންނާ ނުހަނު ގުޅިގެން އަދި އެހާމެ ކެރިގެން ކަންކަމާ ކުރިމަތިލާ ޝިޔާ، މި ފިލްމުގައި ދައްކުވައި ދީފައިވަނީ ވަރަށް ވެސް އޮރިޖިނަލް އެކްޓިންގެކެވެ. އެއްވެސް ވަރަކަށް އެއީ އެކްޓިންގެއްކަމުގެ އިހުސާސެއް ޝިޔާ ނުކޮށްދިނެވެ.
އާނަންދު
ހަމަގައިމުވެސް އާނަންދުގެ އެކްޓިންގް ދެން ތިބި ތަރިންގެ އެކްޓިންގަށްވުރެ ދަށެކޭ ބުނެވޭކަށް ނެތެވެ. މި ފިލްމު ބަލަމުންދާއިރު، އާނަންދު ދެކެ ލޯބިވެސް ވެވިދާނެއެވެ. އަދި ބައެއް މަންޒަރުތަކުގައި އޭނާދެކެ ރުޅިއައިސް، ހަމްދަރުދީވެސް ވެވިދާނެއެވެ.
ލާލި އާއި އެވްލީ
މިއީ ”ސޮރީ“ ގެ އެންމެ ޚާއްސަ ދެ ފަންނާނުންނެވެ. ދެން ތިބި އެކްޓަރުންގެ ރޯލުތަކުގެ ވާހަކަ ވަކިން ގެނައުމަށްފަހު، މި ދެ ކުދިންގެ ވާހަަކަ އެއްކޮށް ގެންނަނީ ކީއްވެބާއޭ ހިތައް އަރާފާނެއެވެ. ސަބަބަކީ، މި ފިލްމުގައި މި ދެ ކުދިންގެ ގާތްކަމާއި ލޯބި އަދި އެކުއެކީގައި އުޅުނުވަރު ދައްކުވައިދީފައިވާ މޮޅުކަމުން، ކެރެކްޓަރގެ ވާހަކަ ދައްކާއިރުވެސް ވަކި ކުރަން ބޭނުން ނުވީއެވެ. ދެ ކުދިންނަށް ވެސް ދީފައިވާ ރޯލު ކުޅެފައިވަނީ އެހާމެ ފުރިހަމަކަމާއެކީގައެވެ. ހަގީގަތަށް ބުނަންޏާ، ކިތަންމެ ހިތްހަރު މީހަކަށް ވިޔަސް ”ސޮރީ“ ބަލާފައި ރޮވެނީ، ލާލި އާއި އެވްލީ އަށް މި ފިލްމުގައި ވަމުން ދިޔަ ގޮތް ފެނިފައި، ކުރި ފުން އަސަރުތަކުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ނަހޫ މިވަނީ ފިލްމު ”ސޮރީ“ އާއެކު އޭނާ ބުނި ފަދައިން އޭނާގެ އަމިއްލަ ރިކޯޑު މުގުރާލާފައެވެ. އަދި މިއީ ނުބަލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫންކަން ވެސް ނަހޫ ސާބިތު ކޮށްދީފައިވެއެވެ.



