ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖައާކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅާފައިވަނީ އިދިކޮޅުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
އަމީން ފައިސަލް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލެއް ކަނޑައެޅިފައިވީ ނަމަވެސް އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން އެ ދެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމަށެވެ.
އެގޮތުން ތައުލީމީ ދާއިރާއަށް ބަލާއިރު ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ އެ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ ހަމަނުވުން ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އެ ކަމަށް ހައްލެއްގެ ގޮތުގައި ގަރާރުގައި ފާހަގަކޮށްފައިވަނީ ދެ ދާއިރާއަށް ވެސް މުވައްޒަފުން އިތުރުކުރުމެވެ.



