ކ. ގުރައިދޫގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ފުރުސަތު ނުދިނުމުން ހުށަހެޅި ސުލޫކީ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރާތްކުރުމުގެ ފުރުސަތު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އަށް ހެލްތު މިނިސްޓްރީން ނުދިނުމުން، މެންބަރު މުހައްމަދު އިބްރާހީމް ވަނީ އެކަމާ ގުޅޭގޮތުން އިމްތިޔާޒާއި ސުލޫކީ މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން މިއަދު ނެގި ވޯޓުގައި 55 މެންބަރުންގެ ވޯޓުން ވަނީ މި މައްސަލަ ބަލައިގެންފައެވެ.
މަޖިލިހުން މި މައްސަލަ ބަލައިގަތުމަށް ފާސްވުމާއެކު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދީ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، މި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ތާއިދުކުރައްވައިފައެވެ.
ެމެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ސިޓީއެއް ފޮނުއްވި ކަމަށެވެ. މަޖިލީހުގެ ލެޓާހެޑް ވެސް ހިމަނައިގެން ފޮނުއްވި އެ ސިޓީގައި، އެއީ އެ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ނަމަވެސް ސިޓީ ފޮނުވިތާ ދެ މަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް، އެ ސިޓީއަށް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބެއް ލިބިފައިނުވާކަން ފާހަގަ ކުރެއްވިއެވެ.
”ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،“ މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.



