ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބަލައިގެންފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
އެގޮތުން މިއަދު ނެގި ވޯޓުގައި އެ ގަރާރާ އެއްކޮޅަށް 52 މެންބަރަކު ވޯޓު ދެއްވި އިރު ގަރާރު ބަލައި ނުގަތުމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
އެއާއެކު އެ ގަރާރު ބަލައިގަނެ، ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ.
އެ ގަރާރުގައި ވާގޮތުން ކައުންސިލްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު ކައުންސިލްތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމަށް ފާހަގަކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެން ޖެހޭތޯ އެ ގަރާރުގައި ވަނީ ސުވާލު އުފައްދާފައެވެ.



