ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވާފައި ވަނީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމުގައި ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކުރެވުނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.


