ބިދޭސީންގެ ބަޔޯމެޓްރިކްސް ހިއްސާކުރަން ދިން މުއްދަތު މި މަހު 30ގެ ނިޔަލަށް އިތުރުކޮށް، އެންމެ ފަހު ފުރުސަތު ދީފިއެވެ.
މިކަމާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ފަރާތްތަކުގެ ނަން މަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްނުކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން (ޖޫން 30 ގެ ކުރިން) އަޕްޑޭޓް ނުކޮށްފިނަމަ، އަންނަ ޖުލައި މަހުގެ 15 ގެ ކުރިން ފިޔަވަޅު އަޅަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް:
° ބަޔޯމެޓްރިކްސް އަޕްޑޭޑްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދޭ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލުން.
° ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށް ފަހު ބާތިލްކުރުން
° ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން
° ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކްޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާ ހިލާފަށް މަސައްކަތްކުރާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލްކުރުން
° ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވާކްޕަމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން
° ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ފަހު އެކްޓިވް ވޯކް ޕާމިޓެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން
° ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ މީހަކަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ދިނުން
° ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ބޭރުގައި ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވޯކް ޕާމިޓް ބާތިލްކުރުން.



