މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރައްވާފައި ވަނީ ރޭ އެސްއެސްޓީވީގެ“ބާރު ހަތަރެއް“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށެވެ.
“ އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުމާއިއެކު“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކު މާލޭގައި ހެދޭނެ ކަމަށެވެ.
”އެއީ ކޮރެލް ބޮލެވާޑް ފާންނުގައި ހުރި އިމާރާތް. އިމާރާތުގެ މަސައްކަތް ނިމެނީ . އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި ހަމަ ދެވަނަ ތަނެއްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ 4 ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
”މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދާއިރު، މައި ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެ“ މިިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތް ދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށެވެ.




