ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ”މޫދު ފެސްޓް“ ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެ ފެސްޓިވަލްގައި ފިޝަރީޒް މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި ކަމަށެވެ.
އަދި އެ ހަރަކާތްތައް މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ”މޫދު ފެސްޓް“ ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
”މޫދު ފެސްޓް“ ފެށިގެންދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ.
މިއީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދެވޭނެގޮތަށް ހިންގާނެ ހަރަކާތެކެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތް ކުރުމަށް ބާރުއެޅުމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އިވެންޓުގައި ގިނަވެގެން 40 ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި މި އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނަށް އިނާމާއި އަދި އެހީތެރިވެދެއްވާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތަށް ހުޅުވާލާފައެވެ.



