ލަފާކުރެވޭ ގޮތުން ޖީއެމްސީއީ (ނުވަތަ ޖެމްކިޔު) އަށް 2-3 މިލިއަން ޑޮލަރު ދިވެހިން އިންވެސްޓުކޮށްފައިވާނެ ކަމުގައި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ހޫނުވެ، އެ ސްކީމަށް އިންވެސްޓުކޮށްފައި ތިބި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވާން ވަނީ ފަށާފައެވެ.
ޖެމްކިޔު އަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމަށް ވަނުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ވަނީ މިދިޔަ ހަފްތާގައި އަންގާފައެވެ.
ފުލުހުން މިދިޔަ ހަފްތާގައި އެންގި އެންގުމުގައި ވިދާޅުވެފައިވަނީ، އެ މުއައްސަސާއާއި ސީއެމްޑީއޭ އާ ގުޅިގެން ޖީއެމްސީއީގެ މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.
ޖެމްކިޔު ސްކީމްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ އިދާރާގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު މިއަދު ވިދާޅުވީ ޖީއެމްސީއީ ސްކީމުގެ ތަހުގީގު ފެށި އިރު 7،000 އެއްހާ މީހުން އެއަށް އިންވެސްޓުކޮށްގެން ތިބި ކަމަށް ބެލެވޭ ކަމަށާއި ފާއިތުވި ދެތިން މަސް ތެރޭ އެ އަދަދު ތިނެއް ނޫނީ ހަތަރު ގުނަ އިތުރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
”މިއީ ބޭންކިން ނިޒާމާ ގުޅިގެން ހިންގާ ފައިނޭންޝަލް ޓްރާންސެކްޝަންތަކެއް ނޫން. އެހެންވީމާ އެ އަދަދު ސީދާ ދަންވަން ދަތި“ ނަވީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަވީދު ވިދާޅުވީ، މި ސްކީމަށް އިންވެސްޓް ކުރި މީހުންގެ ސީދާ އަދަދު ބުނަންވެސް ދަތި ކަމަށާއި ނަމަވެސް ލަފާ ކުރެވޭ ގޮތުގައި 2-3 މިލިއަން ޑޮލަރު ދިވެހިން އެ ސްކީމަށް އިންވެސްޓު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީދު ވިދާޅުވީ، މި ސްކީމުގައި ބައިވެރިވީ ގިނަ މީހުން މީގައި ބައިވެރިވެފައި ހުރީ މިއީ އޮޅުވާލުމެއްކަން ނޭނގި ކަމަށާއި ގިނަ ބަޔަކު ޖެމްކިޔުގެ އަވާގައި ޖެހުނީ، ގްރިޑް ޓްރޭޑުކޮށްގެން ފައިދާ ލިބޭ އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ.




