ރަޮޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ހަފްތާގައި، އެކި ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އާރްޑީސީން މިއަދު މީސްމީޑިއާގައި އާންމުކުރި އެ ކުންފުނީގެ އަދާހަމައިގައެވެ.
އެގޮތުން އާރްޑީސީން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ނ. ވެލިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެއިތުރުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. ދިއްދޫ ބަނދަރުގައި ގަސް އިންދުމަށް ބޭނުންވާ ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އާރްޑީސީން ވަނީ އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު ރަށްދެބައި މަގުގައި ޕޭވިންގްގެ މަސައްކަތް ވެސް ކޮށްފައެވެ.
އަދި ޅ. ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު ކާމިނީ މަގުގައި މިނީ ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް އާރްޑީސީން ވަނީ ކޮށްފައެވެ.




