ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރުޢޫ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕަސިންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ރޭގައި ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ވައުދުފުޅު ކަމުގައިވާ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ.
އެ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައިދެއްވެވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ
ސީ.އީ.އޯ ޝަރީފުގެ ވާހަކަފުޅުގައި، 1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރަތަމަ ބޯޓެއް ޖެއްސުމަށް ދިވެހިން ކުރި ޤައުމީ މަސައްކަތް ހަނދާން އާކޮށްދެއްވައި ވިދާޅުވީ، އެމް.އޭ.ސީ.އެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިންމުމާއި މެދު އޮންނަ ޔަގީންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މިކޮށްދޭ ޤައުމީ މަސައްކަތް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މިޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރުޢޫތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫޢެވެ. ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މިޓާމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިޤްތިސާދަށް ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ.
އައު ޓަރމިނަލް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ އެތައްގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތްދެވޭނެ ތަނަވަސް ޓާމިނަލެކެވެ. އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިންގ ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ޓަރމިނަލުން ލިބިގެންދާނެ ކަމުގައި އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.



