ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އާސާރީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފިއެވެ.
ކަލްޗުރަލް މިނިސްޓްރީއާއި ވެމްކޯއާ ދެމެދު މިކަމާ ގުޅިގެން އިއްޔެ ވަނީ ފަހުމްނާމާއެއްގައި ސޮއި ވެސް ކޮށްފައެވެ.
އެގޮތުން އެ ފަހުމްނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުޙައްމަދު ޔާނިއު ހާޝިމް އެވެ. ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ.
މިއެއްބަސްވުމުގެ ދަށުން، ވެމްކޯއިން ހިދުމަތްދޭ ރަށްރަށުގައި، ފަސޭހައިން ވާސިލުވެވޭގޮތަށް ހުރި އާސާރީ ތަންތަނުގެ ސާފުތާހިރުކަން ވެމްކޯއިން ބަލަހައްޓާނެއެވެ.
އެގޮތުން މިފަދަ ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިން މަހުން އެއްމަހު ވެމްކޯގެ ފަރާތުން ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ހިދުމަތްތައް ދެމުންދާނެއެވެ.
ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކަށްވާއިރު، މި މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްބާރުލުންދެއްވާކަން ކަލްޗުރަލް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



