ކިޔަވާ ކުދިންގެ ނަތީޖާ ދުވަހުން ދުވަހަކަށް ދަށްވަމުންދާތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ކަންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ ދައުލަތުން ތައުލީމަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާއިރު ދަރިވަރުންގެ ނަތީޖާ އެދެވޭ ވަރަށް ވުރެ ދަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ސާނަވީ ތައުލީމުގެ ހާލަތު ވިދާޅުވެދެއްވަމުން މިނިސްޓަރ ޝަފީއު ފާހަގަކުރެއްވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރުު ވެސް، އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50% އަށް ފަސް މާއްދާއިން ’ސީ‘ ފާސް ހާސިލު ނުކުރެވުނު ކަމަށެވެ. އަދި 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މިއިން އަޅުގަނޑުމެންނަށް މި އިނގެނީ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަ ކުރަމުންދާއިރުގައި އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވާދިނުމަށް ވަގުތު ހޭދަކުރަމުން ގެންދަވާއިރުުގައި، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކުގައި، މިހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުނުވެވެޔޭ“ މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން، އޯލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ ދަރިވަރުންގެ އިންސައްތަ، އަދި އޭގެ ތެރެއިން އޭލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ އިންސައްތަ ދަށްވަމުންދާކަން ވެސް ނުހަނު ކަންބޮޑުވުމާއެކު އެޑިއުކޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



