ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދިކޮޅު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާތީ އާއި އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަށްޓަކައި ކަމަށް ބުނެ ޑިމޮކްރެޓްސްއިން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ޕާޓީ އުވާލައި، ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައެވެ.
ރައީސް ނަޝީދުއާއި އެހެން މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާތީ އެ ޕާޓީގެ ޤައުމީ މަޖިލީހުން، ވަނީ އެބޭފުޅުންނަށް ކުލަ ގަދަކޮށް މަރުހަބާ ދެންނެވުމަށް ނިންމާފައެވެ.
އެމްޑީޕީގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކުގައެވެ. އެ ޖަލްސާ ބޭއްވުމަށް މި ސަރުކާރުން ހުއްދަ ނުދިން ކަމުގެ ތުހުމަތުތަކެއް އިދިކޮޅުން ކުރި ނަމަވެސް، މި ސަރުކާރުން ވަނީ އެމްޑީޕީގެ ޖަލްސާ ސަލްޓަން ޕާކުގައި ބާއްވަން ހުއްދަ ދީފައެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެކަމަކު އޭގެ ކުރިން އެކަމާ ގުޅޭ ޖަލްސާ ބޭއްވުމަށް ނިންމީ އެވެ.



