މިދިޔަ އަހަރުވެސް އެންމެ ރަނގަޅު ބަދަލެއް އައިސްފައި ވަނީ ތައުލީމީ ދާއިރާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”މަތީ އަރުތަވެރީންގެ އިނާމު 2024“ ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު މުދައްރިސުންނަށް ފަހި ވެއްޓެއް ގާއިމުކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.
އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، ހިތްހަމަޖެހޭ ސްކޫލު ވެއްޓެއް ޤާއިމުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ޓާގެޓަކީ ސެޕްޓެންބަރު ނިމުމުގެ ކުރިން ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ އޭސީތައް ފޯރުކޮށްދީ، މުޅި ޕްރޮޖެކްޓް މި އަހަރުގެ ތެރޭގައި ތަންފީޒުކޮށް ނިންމުން“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 2025 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ބަޖެޓަށް 300 މިލިއަނެއްހާ ރުފިޔާ އިތުރުކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުވެސް އެންމެ ރަނގަޅު ބަދަލެއް އައިސްފައި ވަނީ ތައުލީމީ ދާއިރާއަށް ކަމަށާއި އެކަން އެގޮތަށް ކުރިއަށް ދާނެ ކަން ކަށަވަރު ކަމަށާއި ޓެކްނޮލޮޖީ އިންޓަގްރޭޝަން އަދި މެނިފެސްޓޯގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަދަ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



