ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:41 ހާއިރު ލިބިގެން އެމްއެންޑީއެފްއިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ވިނަރެސް 9 ވަނަ ޓަވަރުގެ 13 ވަނަ އެޕާޓްމަންޓުގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ގޮދަޑިއްގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.



