މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދެވޭ އުޖޫރަ، ނުވަތަ މިނިމަމް ވޭޖް، ރިވިއު ކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނުނިންމި ލަސްވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ގެ ނިޔަލަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު އެކުލަވާލާފައި ނެތުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހައިދަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހު މިނިމަމް ވޭޖެ ތައާރަފުކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައި ނެތް ކަމަށާއި 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ގެ ނިޔަލަށް އެ މުއްދަތު ހަމަވެފައިވިއިރު މުރާޖައާކޮށްފައި ނެތް ކަމަށެވެ. އަދި އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނަން ނެތް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
”ކުރިން ތައްޔާރުކުރި ރިޕޯޓެއް ވެސް ނެތް. އަޅުގަނޑުމެންނަށް ވެސް ރިޕޯޓު ތައްޔާރުކުރެވޭނީ އެ ރިޕޯޓު ލިބިގެން“ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
މީގެއިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި މި ސަރުކާރުން މިނިމަމް ވޭޖް އެޑްވައިޒަރީގެ އައު ބޯޑެއް އެކުލަވައިލި ކަމަށެވެ. އެހެންކަމުން ކުރީގެ ބޯޑުގެ މުހިންމު ލިޔެކިޔުންތައް އައު ބޯޑާ ހިއްސާކުރުމަށް ވެސް ވަގުތުކޮޅެއް ނަގާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށާއި، މިހާރު ކުރަނީ އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަނޑައަޅަންޖެހެއެވެ.



