ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ހަދަން ނިންމާފައި ވާތީ، ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ހުސްކޮށް އެތަނުގެ މަސައްކަތްތައް ވަގުތީ ގޮތުން ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތައް ބަދަލުކުރަން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ވިލިމާލޭ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ”އަމާން ހިޔާ“ ގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ސޮއިކުރައްވައިފައެވެ.
އެގޮތުން އަމާން ހިޔާގައި ވިލިމާލެ ހޮސްޕިޓަލު ހިންގާނީ، އައު ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް ނިމެންދެންނެވެ.
މާލޭގެ އެއް އަވަށް ކަމުގައިވާ ވިލިމާލޭގައި ”ހޮސްޕިޓަލެއް“ ހިންގިޔަސް އެތަނުން ލިބެނީ މަދު ފަރުވާއެއްކަން ފާހަގަކޮށް އެތަނުގެ ގިނަ ރައްޔިތުން އަބަދުވެސް ކަންބޮޑުވުންފާޅު ކުރެއެވެ.
އެކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މި ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.




