މިއަދު ހެނދުނު ހުޅުމާލޭ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ވަނީ މީހުންނަށް ދިރި ނޫޅެވޭވަރަށް ގެއްލުން ލިބިފައި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ވިނަރެސް 9 ވަނަ ޓަވަރުގެ 13 ވަނަ އެޕާޓްމަންޓުގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ ގޮދަޑިއްގައި ކަމަށެވެ.
މި ހާދިސާގެ އަދާހަމައެއް ދެމުން އެންޑީއެމްއޭ އިން ބުނީ، އެ އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް 5 ދުވަހުގެ މުއްދަތަށް، ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމާއި އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.




