ކައުންސިލްތަކަށް ލިބޭ އާމްދަނީ އާއި ހިލޭ އެހީގެ ތެރެއިން މިދިޔަ އަހަރު ނިމުނު އިރު 2.1 ބިލިއަން ރުފިޔާ ބާކީ ހުރި ކަމަށާއި މިހާރު އޮތް ގޮތުން އެ ފައިސާ އިން މަންފާ ކުރާނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ ކައުންސިލުތަކަށް ދޭ ހިލޭ އެހީ އާއި އާމްދަނީން ބާކީވާ ބައިގެ މައްސަލަ ދިރާސަކޮށް، އެކަމަށް ބަހުސް ކުރައްވައިފައެވެ.
އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މިގޮތަށް ކައުންސިލުތަކަށް ލިބޭ ހިލޭ އެހީ އާއި އާމްދަނީގެ ތެރެއިން އަހަރު ނިމޭއިރު ހަރަދު ނުކޮށް ބާކީ ހުންނަ އަދަދަށް ކޮންމެ އަހަރަކު 200 މިލިއަނެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނާ ކަމަށެވެ.
އެގޮތުން މެންބަރު ނާޒިމް ވިދާޅުވީ މިގޮތަށް އިތުރުވާ ފައިސާ ހަރަދު ކުރެވޭނެ އިތުރު ގޮތެއް ނެތުމަކީ މިހާރު އޮތް ލާމަރުކަޒީ ގާނޫނުގެ އުނިކަމެއް ކަމަށެވެ.
ސަބަބަކީ މިހާ ބޮޑު އަދަދެއް އެއްވެސް ބަޔަކަށް އަތް ނުލެވޭ ގޮތަށް ހުރި އިރު، މީގެން މަންފާ ކުރަނިވި އެއްވެސް ކަމެއް ކުރެވޭކަށް ނެތް.“ ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.



