ކޭޕާކް އެޕާޓްމެންޓުތައް ދޫކުރުމުގައި މަކަރާތް ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކޭޕާކް އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި ހަސަން މަމްދޫހު ގިނަ އަދަދެއްގެ މީހުންނަށް ވިއްކާފައިވާކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.
އެގޮތުން އޮޅުވާލައިގެން ކޭޕާކް ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ ވަނީ އުފުލާފައެވެ.
މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ހަސަން މަމްދޫހު ކޯޓަށް ހާޒިރުނުވާން މެޑިކަލް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ހާޒިރު ނުވެވޭ ފަދަ ބައްޔެއް ފާހަގަ ނުވާ ކަމަށާއި އެ ދުވަސްތަކުގައި އޭނާ ކޯޓަށް ހާޒިރުުނުވެ، ބޭރުގައި އުޅޭ ކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދޭތީ ޝަރީއަތް ނިމެންދެން ހަސަން މަމްދޫހު ބަންދު ކުރަން ކްރިމިނަލް ކޯޓުުން ވަނީ އަމުރުކޮށްފައެވެ.



