ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް އާންމު ރައްޔިތުންގެ ހިޔާލަށް މިއަދު ހުޅުވާލައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
އެގޮތުން އެ ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 12 އާ ހަމައަށެވެ.
އެ ގަރާރުގައި ވާގޮތުން ކައުންސިލްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު ކައުންސިލްތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމަށް ފާހަގަކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެން ޖެހޭތޯ އެ ގަރާރުގައި ވަނީ ސުވާލު އުފައްދާފައެވެ.



