މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަން ފައްޓަވައިދެއްވާ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔަތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނކަނޑުތަކާ ގުޅޭ ދިރާސާ ކުރުމަށް އެ ދާއިރާއިން މީހުން ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.
”ކަނޑުތައް ޙިމާޔަތް ކުރުމަށާއި، ކަނޑުތަކުން ލިބޭ މަންފާ އިތުރުކުރަން ވިސްނަންޖެހޭ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް“ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމުގެ މުހިންމުކަމާ، ރާއްޖޭގައި މި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި، ދާއިރާ ކުރިއަރުވާ ދެމެހެއްޓުމަށާއި ދާއިރާއަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ޕެނަލްޑިސްކަޝަންއެކެވެ.
އެގޮތުން މި ޕެނަލް ޑިސްކަޝަންގައި ދިވެހިންނާއި ދިވެހީންގެ ކަނޑާހުރި ގުޅުމާއި، ކަނޑު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.
މީގެ އިތުރުން މި ދާއިރާގެ ތަޖުރިބާކާރުންނާ ސުވާލުކޮށް ދާއިރާއާ ބެހޭ މައުލޫމާތުތައް ހޯދުމުގެ ފުރުސަތުވެސް މި ޕެނަލްޑިސްކަޝަންގެ ތެރެއިން ލިބޭނެއެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލު އަދި ކޮލެޖް އޮފް ފިޝަރީޒް ސައިންސްގެ ދަރިވަރެއް ބައިވެރިވެފައި ވެެއެވެ.


